


.jpg?w=3840&q=75)




އެމްއެންޔޫ އާއި އެވިޑް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ ފިރިހެން ޑިވިޝަންގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެވިޑް ބަލިކޮށް އެމްއެންޔޫ އިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މުބާރާތުގައި އެމްއެންޔޫ އެންމެ ފަހުން ކުޅުނު މެޗުގައި އައިޔޫއެމްއެސްޔޫ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މުބާރާތުގައި އެވިޑުން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ އައިޔޫއެމްއެސްޔޫ 2-1 ގެ ނަތިޖާއަކުން ބަލިކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ވީސީއެސްއޭ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އައިޔޫއެމްއެސްޔޫ އިން މުބާރާތް ނިންމާލީ ތާވަލުގެ ފުލުގައި އޮވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 19-17 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެވިޑުންނެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓް 11-12 ގެ ނަތިޖާއަކުން ކާމިޔާބުކޮށް އެމްއެންޔޫ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް ސެޓް 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ އިން ވަނީ މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ޖަޒްލާން 18 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ފައިޒާން ހަތް ޕޮއިންޓް، އަލްސަން ތިން ޕޮއިންޓް، އަޔާޒް އަދި ރިޒުޚާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެޓީމުގެ ސަދާތް އަދި ލަމްމާހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެވިޑްގެ ނާބިތު 17 ޕޮއިންޓް ކާމިޔާބުކުރިއިރު، ޝުއާއު އަށް ޕޮއިންޓް، ވިޔާޒް ހަތަރު ޕޮއިންޓް، ސޯލިހް ތިން ޕޮއިންޓް އަދި ސިނާން ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނީ އެމްއެންޔޫގެ ޖަޒްލާން އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އެމްއެންޔޫ އޮތްއިރު، މިމެޗުން ބަލިވި އެވުޑުން ލީގުބުރު ނިންމާލީ ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ހަތަރު ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.



.jpg?w=3840&q=75)
