.jpg?w=3840&q=75)






ސްކޭމްގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން
މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ) ކަމަށެވެ.
މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނ.ވެލިދޫ އިން އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދެވަނަ މައްސަލާގައި ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 2 މީހުން ކަމަށް ފުލުހުން ބުންޏެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ކޯޓު އަމުރެއްގެ ދަށުން ނ. ހޮޅުދޫއިން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެމައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
.jpg?w=3840&q=75)






