


.jpg?w=3840&q=75)




ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އާއި އައިޔޫއެމްއެސްޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އިން އައިޔޫއެމްއެސްޔޫ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މުބާރާތުގައި މުބާރާތުގައި އެމްއެންޔޫ އެންމެ ފަހުން ކުޅުނު މެޗުގައި ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޒިކުރާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ވީސީއެސްއޭ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 4-5 ގެ ނަތީޖާއަކުން އައިޔޫއެމްއެސްޔޫ އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 10-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވީސީއެސްއޭ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިއާއެކު މެޗުގެ ނަތީޖާނެރުމަށް ކުޅުނު ޝުޓްއައުޓް ސެޓް ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވީސީއެސްއޭ އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ވީސީއެސްއޭ މާލް އަދި އުލްޔާ މިއިން ކޮންމެ ކުޅުންތެރިއަކު ހަ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ ހުޝާމާ ތުން ޕޮއިންޓް، އަފްނާން އަދި އާލާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އައިޔޫއެމްއެސްޔޫގެ މާޝާ އަދި ރިފާ މިއިން ކޮންމެ ކުޅުންތެރިއަކު ތިން ޕޮއިންޓް ކާމިޔާބުކުރިއިރު، ލުމްއާ އަދި ރަމްޒިއްޔާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި އެޓީމުގެ އާލާ އެއްޕޮއިންޓް ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީސީއެސްއޭގެ ކީޕަރު ޚަދީޖާއެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ވީސީއެސްއޭ މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި އައިޔޫއެމްއެސްޔޫ އިން ލީގުބުރު ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.



.jpg?w=3840&q=75)
