


.jpg?w=3840&q=75)




ޒިކުރާ އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ޒިކުރާ ބަލިކޮށް އެމްއެންޔޫ އިން ތާވަލުގެ ދެވަނަ ޔަގީންކޮށްފިއެވެ.
މުބާރާތުގައި މުބާރާތުގައި އެމްއެންޔޫ އެންމެ ފަހުން ކުޅުނު މެޗުގައި ވިލާ ކޮލެޖް ސްޓޫޑަންޓް އެސޯސިއޭޝަން (ވީސީއެސްއޭ) އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޒިކުރާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ވީސީއެސްއޭ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 8-7 ގެ ނަތީޖާއަކުން އެމްއެންޔޫ އިން ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް ސެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 12-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި އެމްއެންޔޫގެ ޒާރާ އަށް ޕޮއިންޓް ކާމިޔާބުކުރިއިރު، ފާއިގާ އަދި މާޒިނާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ނާއިޝާ އަދި ޝިއުރާ މިއިން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް ކާމިޔާބުކުރިއިރު، މާހީ އަދި ސަޖްހަތް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޒިކުރާގެ ޝަހަމާ ހަތް ލަނޑު ކާމިޔާބުކުރިއިރު، އަސްހާ ހަތަރު ޕޮއިންޓް އަދި އަލްވާ ވަނީ މިމެޗުގައި ދެ ޕޮއިންޓް ކާމިޔާބުކޮށްފިއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫގެ ފާތުމަތު ޒާރާ ޝަހީމް އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ހަތަރު މެޗުން އެމްއެންޔޫއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ޒިކުރާ އިން މުބާރާތުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.
24 އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.



.jpg?w=3840&q=75)
