







.jpg?w=1920&q=75)
MPL
އެމްޕީއެލްގެ ލޭބަރ މުވައްޒަފުން އިތުރުކުރުމަށް ވޯކިން އިންޓަވިއުތަކެއް ކޮންމެ ބުރާސްފަތި ދުވަހަކު ބޭއްވުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިހެން ވިދާޅުވީ ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް އެމްޕީއެލްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
އެމްޕީއެލްއިން ކޮންމެ ބުރާސްފަތި ދުވަހަކު ހިންގާ ވޯކިން އިންޓަރވިއު އަކީ އެކުންފުނީގެ މުދާ އެތެރެ ކުރެވޭ އަދަދާއި އެއްވަރަށް އޮޕރޭޝަންތައް ހިންގުމުގައި މަސައްކަތުގެ ރޭޓް އަވަސްކުރުމުގެ ގޮތުން، ލޭބަރުން އިތުކުރުމަށް ހިންގާ އިންޓަރވިއުތަކެވެ.
ޝާހިދު ވިދާޅުވީ، އޮޕަރޭޝަންތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަކީ އެކުންފުނިން އަބަދުވެސް މުހިންމުކަމެއް ދީގެން ކުރަމުންދާ ކަމެއްކަމަށެވެ. އެގޮތުން، ކުންފުނީގެ އެހެނިހެން ވަސީލަތްތައް އިތުރުކުރުމާއި، ލޭބަރުން އިތުރުކުރުމަކީވެސް އެކުންފުނިން ކުރަމުންދާ ކަމެއްގެ ގޮތުގައި ޝާހިދު ފާހަނގަ ކުރެއްވިއެވެ.
"ސަރަހައްދެއްގައި ގާނަގާ ގާ އެތުރުމަކީވެސް ވަރަށް ބޮޑު މަސައްކަތެއް. އެކަމަކު އެމަސައްކަތަތައް ގިނައިން ކުރަމުން މިއައީ އައުޓްސޯސްކޮށްގެން. އާރްޑީސީ އަދި އަމިއްލަ ކޮންޓްރެކްޓަރތަކަށް ދީގެން. އެހެންނަމަވެސް، ބައެއް ފަހަރު އަޅުގަނޑުމެން ބޭނުންވާ ސްޕީޑްގައި މަސައްކަތް ނުދާތީ އަޅުގަނޑުމެން އަމިއްލައަށްވެސް މަސައްކަތް ކުރަން އެބަޖެހޭ" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިހާރު ޖުމްލަގޮތެއްގައި 1800 ލޭބަރ މުވައްޒަފުން އެމްޕީއެލްގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އިތުރަށް ބޭނުންވަނީ 30 ލޭބަރ މުވައްޒަފުންކަންވެސް ޝާހިދު ފާހަގަކުރައްވާފައިވެއެވެ. ވޯކިން އިންޓަރވިއުގެ އިތުރު މަޢުލުމާތު އެމްޕީއެލްއިން ގެޒެޓްކުރެވިފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މުވައްޒަފުން ވެއްދުމުގައި އެކުންފުނިން ބަލަނީ އިންޓަރވިއުއަށް އަންނަ ފަރާތުގެ ކުށުގެ ރިކޯޑަށް ކަމަށެވެ.
ކޮންމެ ބުރާސްފަތި ދުވަހު ވޯކިން އިންޓަރވިއު ހިންގައިގެން މުވައްޒަފުން ހޯދުމުގެ އިތުރުންވެސް އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަން އަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ސަރަހައްދު ބަނދަރުގެ ޖާގަ ބޮޑުކުރުމުގެ އިތުރުން، އޮޕަރޭޝަންތަކުގައި ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް އެމްޕީއެލްއިން ދަނީ ކުރަމުންނެނެވެ.






.jpg?w=3840&q=75)

