








1509000176
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ހިޔާނާތުން 28 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކުރުމަށްފަހު އޮޑިޓް އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލުން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 8،855،601 ލީޓަރު (90،808،560 ރުފިޔާގެ) ޑީސަލް ގަނެފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެމްޕީއެލުން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓަށްވާ ޑީސަލް (2،824،288 ލީޓަރުގެ ޑީސަލް)، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންނުކޮށް ގެއްލިފައިވާ ކަމަށާއި އެ ޑީސަލްގެ އަގަށް 28.3 މިލިއަން ރުފިޔާ އަރާ ކަމަަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ހިޔާނާތުގައި އެމްޕީއެލްގެ އިތުރުން އެފްއެސްއެމްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިހިޔާނާތުގެ ވާހަކަ ތިލަވުމުން އެމްޕީއެލްގެ މުވައްޒަފުން ތެރެއި ހިޔާނާތުގައި ބައިވެރިވި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
އޮޓިޑް ރިޕޯޓްގައި ވަނި މި ހިޔާނާތް ހިންގުމުގައި އެމްޕީއެލްއާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މިމައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލަފާދީފައެވެ. އަދި ގެއްލުމުގެ ބަދަލު މި ހިޔާނާތުގައި ބައިވެރިންގެ ފަރާތުން ހޯދުމަށް ލަފާދީފައިވެއެވެ. މީގެއިތުރުން ސޮއި ފޯޖުކޮށް ސައްހަ ނޫން ރިކްއެސްޓް ފޯމުތައް ހެދުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް އޮޑިޓް ރިޕޯޓުގައި ލަފާ ދީފައިވެއެވެ.







.jpg?w=3840&q=75)
