
.jpg?w=3840&q=75)



.jpeg?w=3840&q=75)



neykurendhoo
ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިންގ އޮފިސަރ، ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫޢުގެ ދަށުން، 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 15 މޫރިންގ ބޮއެ ހަރުކުރުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1859 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓް (އީ.އައި.އޭ) ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ 62.47 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
1،400 މީހުންގެ އާބާދީގެ ހދ. ނޭކުރަންދޫއަކީ ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން މިރަށް މަޝްހޫރުވެފައިވަނީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ކަނޑޫފާ އޮންނަ ރަށުގެ ގޮތުގައެވެ. އާންމު ގޮތެއްގައި އާމްދަނީ ހޯދުމަށް މިރަށުގެ ރައްޔިތުން ކޮށް އުޅޭ މަސައްކަތަކީ ފަރުމަސްވެރިކަމާއި ދަނޑުވެރިކަމެވެ.
މި މަޝްރޫޢުގެ ސަބަބުން ރަށުގައި އޮތް ބާވެފައިވާ ކުޑަ ބަނދަރުގެ ބަދަލުގައި، ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.




.jpg?w=3840&q=75)


