
.jpg?w=3840&q=75)



.jpeg?w=3840&q=75)



543BCEB8-2105-405B-8F19-48E8CCF792E4
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ލާޒިމްކުރާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ ކޮޅުމަޑުލު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ، ރާއްޖޭގައި އެކި ގޮތްތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ، ގާނޫނު ތަންފީޒުކުރަންޖެހޭ ހާލަތަކަށް ކުދިން ދިޔަނުދިނުންކަމަށާއި، ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުންކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުށްކުރުން ހުއްޓުވުމުގެ މަސައްކަތް ފަށަންޖެހޭނީ ކުށްކުރުމުގެ މާކުރިން ކަމަށާއި، ކުށަށް މީހަކު އަރައިގަންނަންހުރި ސަބަބުތައް ބަންދުކުރަންޖެހެނީ އެ ސަބަބަށްޓަކައި ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ އިމާރާތްތަކާއި އެހެން ބައެއް މާއްދީ ވަސީލަތްތައް ގާއިމްކުރުމަކީ އިޖުތިމާއީ މައްސަލަތައް ހައްލުވާ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ހުޅުމާއެކު މި މައްސަލައިގެ ހަގީގީ ހައްލު ފެށިގެންދާ ހިސާބަށް އާދެވިފައިވާކަމަށެވެ.
ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވި ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކީ ކުޑަކުދިންގެ އަދުލުގެ ގާނޫގެ ދަށުން އުފައްދަންޖެހޭ މަރުކަޒެކެވެ.
ރެޒިޑެންޝަލް މަރުކަޒަކީ ކުރުމުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށް ގާއިމްކުރަން ގާނޫނުން ލާޒިމްކުރާ މަރުކަޒެކެވެ.
ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ތިބޭ ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ އުމުރާއި ފެންވަރާއި ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދެވޭނެއެވެ.

.jpg?w=3840&q=75)


