
254235_7f022250-4_-1024x682
ރ.ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑްކޮށްފިއެވެ.
ހުރިހާ ކައުންސިލް މެމްބަރުން ސަސްޕެންޑުކުރުމަށްފަހު ކައުންސިލް ހިންގުން ވަގުތީގޮތުން މިހާރު ހަވާލުކޮށްފައިވަނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއެވެ. މިކަން ލޯކަލް ގަވަމްންޓް އޮތޯރިޓީ (އެލްޖީއޭއިން)ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ދުވާފަރު ކައުންސިލް މެމްބަރުން ހިމެނޭހެން 12 މުވައްޒަފަކު ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ފާހަގަކޮށްފައިވާގޮތުގައި އެކައުންސިލުން ވަނީ ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްޞީލު އެކޮމިޝަނުން ހާމަކުރަމުން ގެންދާނެކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.
ދުވާފަރު ކައުންސިލުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން އެލްޖީއޭއިން ޢާންމުކުރި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މި މުޢާމަލާތްތަކުގައި ކައުންސިލްގެ ޑިރެކްޓަރާއި، ކައުންސިލްގެ ރައީސްއާއި މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް ފައިސާ ޖަމާކޮށްފައިވާކަމަށް އެލް.ޖީ.އޭގެ ރިޕޯޓްގައިވެއެވެ. އަދި ލިޔެކިޔުންނެތި ކައުންސިލްގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތަކަށް، ޖަމާކޮށްފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.










.jpeg?w=3840&q=75)