.jpg?w=3840&q=75)
090533-022711 suspects
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ބްލޮގަރު ޔާމިން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައިވާ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދަމަހައްޓައިފި އެވެ.
މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ، މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި ދަފްތަރު އާރްއެސް 8499، އަހްމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށެވެ.
މަރު ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް މި މީހުން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 26ވަނަ ދުވަހުގައެވެ.
އަހުމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެކެވެ. އިސްމާއިލް އަބްދުލްރަހީމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އުފުލާފައިވާއިރު، މުއާޒުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެކެވެ.
އެދައުވާތަކާއި ގުޅިގެން މިދިޔަ ބްރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވަނީ 2014 އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި އެވެ. އަދި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައިވަނީ 2017 އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.


-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)



