
ދަރިންނަށް ޚަރަދު ނުދޭ މައްސަލައެއްގައި ކާށިދޫ މީހަކު ޖަލަށްލާން ހުކުމްކޮށް، ވަނަވަރާއި ފޮޓޯ ޢާންމުކޮށްފިއެވެ.
ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި މައުލޫމާތުގައިވަނީ ދަރިންނަށް ޚަރަދު ނުދޭ މައްސަލައިގައި ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައެވެ. އެގޮތުން ކޯޓުގެ އަމުރާ އެއްގޮތަށް ޚަރަދު ދީފައިނުވާތީ، ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ވަނީ އަމުރުކޮށްފައެވެ.
އެ ކޯޓުން ބުނެފައިވަނީ އޭނާގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގަވައިދުގެ 55 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ވާގޮތުން، ދަރިންގެ ޚަރަދު ނުދޭ މީހުންނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
އޭގެ ތެރޭގައި ކޯޓުގެ ހުއްދަނެތި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފެހެއްޓުމާއި، ބޭންކް އެކައުންޓްތައް ބަލައި ޗެކްކުރުމަށްފަހު އެކައުންޓުތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި އޭނާގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ އެ މުދަލެއް ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމާއި، އެފަދަ ފަރާތްތަކުގެ މައުލޫމާތާއި ފޮޓޯ އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް ކޯޓުތަކަށް ވަނީ ލިބިދީފައެވެ.ދަރިންނަށް ޚަރަދުނުދޭ މީހުންގެ ފޮޓޯ އާއި ވަނަވަރު އެންމެ ފުރަތަމަ އާންމުކުރަން ފެށީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުންނެވެ. ރާއްޖޭގައި ކައިވެނި ރޫޅުމަށްފަހު ދަރީންގެ ޚަރަދަށް ކަނޑައަޅާ ފައިސާގެ މިންވަރު ކުޑަވުމާއި، ކޯޓުން ހުކުމް ކުރުމުންވެސް ގަވާއިދުން ފައިސާ ނުދެއްކުމަކީ މުޖުތަމައުގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.


-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)



