
ވަޒީރު ޝަހީމް ސައުދީ ސަފީރާއި ބައްދަލުކުރެއްވުން
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި މުހިންމު ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ، ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި، ޚާއްޞަކޮށް އިސްލާމީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށްވެސް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރު ވަނީ އިތުރަށް ބަދަހިވެފައެވެ. މި ގުޅުމުގެ ތެރެއިން، ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވައިދެއްވާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކޮށްލެވެއެވެ.












