
-
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ސަރުކާރުން އެކަމަށް ޚާއްސަ އިތުރު ދިހަ ޒޯނެއް ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިކަލްޗަރ ސިނާއަތް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާއިރު، އަލަށް ކަނޑައެޅި ސަރަހައްދުތަކާއެކު މެރިކަލްޗަރއަށް ޚާއްސަ ޒޯންތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ ފަނަރައަށް އިތުރުވެފައެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ ފަސް ސަރަހައްދެއްގައި މެރިކަލްޗަރއަށް ޚާއްސަ ޒޯންތަކެއް ގާއިމުކޮށް، މި ދާއިރާއިން އިންވެސްޓުކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައެވެ.
އަލަށް ކަނޑައެޅި ދިހަ ސަރަހައްދު ބެހިފައިވަނީ ފަސް އަތޮޅަކަށެވެ. އެގޮތުން ތ. އަތޮޅުން ދެ ސަރަހައްދަކާއި، މ. އަތޮޅުން ތިން ސަރަހައްދެއްގެ އިތުރުން ފ. އަތޮޅުން ދެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދ. އަތޮޅުން ދެ ސަރަހައްދަކާއި ގއ. އަތޮޅުން އެއް ސަރަހައްދު ވަނީ މެރިކަލްޗަރ ސިނާއަތަށް ޚާއްސަކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސިނާއަތް ފުޅާކޮށް، އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް އާމްދަނީ ހޯދޭނެ އާ މަގުތަކެއް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކަނޑައެޅި މުހިންމު ސަރަހައްދުތަކެކެވެ.
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ރައީސް ޑރ. މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.
މިގޮތުން، މި އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި 'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް' ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ. މެރިކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މިހާ ބޮޑު އިސްކަމެއް ދީގެން އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުން، ކުރިއަށް އޮތް އަހަރުތަކުގައި މި ދާއިރާއިން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.



-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)



