
މަޖިލިސް ރައީސް އަބްދުއްރަހީމް
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
އާންމު ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ، ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީގައި ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މުސާރަ ބޮޑުކުރުމާއި، އައު މަގާމުތައް އުފެއްދުމާއި، އެލަވެންސް ތައާރަފުކުރުން ފަދަ އެއްވެސް ކަމެއް ހިމަނާފައިނުވާނެ ކަމަށެވެ.
]މިއަހަރަށް މަޖިލީހަށް ދީފައިވަނީ، 226 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރަށް 227 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ، މަރާމަތަށް ކުރަންޖެހޭ ޚަރަދާއި ޖަލްސާތަކުގައި ބޭނުންކުރާ ސާމާނުތަކުގެ ސްޕެއަރއަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.\
އަންނަ އަހަރު މަޖިލީހުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 3 މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. އެއީ، މަޖިލިސް އިމާރާތުގައި އައު ލިފްޓެއް ހަރުކުރުމާއި ސެކިޔުރިޓީ ރޫމާއި ވެއިޓިން ރޫމުގެ ބައެއް މަސައްކަތްތަކާއި މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދުގެ ކޮރިޑޯ އޭސީ ކުރުމަށް ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ސަރުކާރުން ދެއްވާފައިވަނީ ބަޖެޓް ސީލިންއަކީ މަޖިލީހަށް ބޭނުންވާ ވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓު މި ދައުރު ނިމުމުގެ ކުރިން ފާސްކުރަން ޖެހެއެވެ. އާންމު ކޮމިޓީން މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 227 މިލިޔަން ރުފިޔާ ފާސްކޮށްފައިވާއިރު، ބަޖެޓް ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)




