
boahimenun-2-scaled-pv86epfhb0pcu0u7c2ysxevqfcw7rwjotzap835rao
ބޯހިމެނުމުގެ ފީލްޑް މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނިމާލެވިފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި އެކްސަސްނުވެވޭ 900 އެއްހާ ތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި އެކްސަސް ނުވެވޭ 900 އެއްހާ ތަން ހުރުމާއެކު އެފަދަ ތަންތަނަށް ގުޅޭނެގޮތް ފަހިވޭތޯ ބެލުމަށް އެ ބިއުރޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ތަންތަނަށް އެކްސަސް ނުވެވި ވަނީ، ތަޅުލާފައި ހުރުމުގެ ސަބަބުން، ގުޅޭނެގޮތް ނުވުން، މައުލޫމާތުދެވޭވަރުގެ މީހަކާ ދިމާނުވުން، ރަށުން ބޭރުގައިވުން، އެޕޮއިންޓްމަންޓްދެވި އެގަޑިތަކަށް ޓީމްތަކަށް ނުދެވިހުރުން ފަދަ ސަބަބުތައް ހުރުމުން ކަމަށް ސްޓެޓިސްޓިކްސް އިން ވަނީ ބުނެފައެވެ. މީގެތެރޭގައި ބޭނުންކުރާ ތަންތަނާއި މީހުން ދިރިނުއުޅޭ ތަންތަން ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި އެ ބިއުރޯއިން ބުނެފައި ވެއެވެ.
މިހާތަނަށް ބޯހިމެނިފައިނުވާ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރެޖިސްޓަރ ކޮށްގެން ހިންގާ އިޤްތިޞާދީ މަސައްކަތް ހިންގާ ތަންތަނުން، އަދި ބޭނުންނުކުރާ ތަންތަންވެސް ވީވަރަކުން ފާހަގަކޮށްދެއްވާ ސްޓެޓިސްޓިކްސް ބިއުރޯއަށް އަންގާލަދެއްވުމަށް އެ ބިއުރޯއިން ވަނީ އެދިލައްވާފައެވެ.
ބޯހިމެނިފައިނުވާ މީހުންނާއި، ތަންތަނުން، ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ލިބޭ ކޯލުތަކަށް ނޯޓުކޮށް ބިއުރޯގެ މުވައްޒަފުން އެފަރާތްތަކުގެ މަޢުލޫމާތު ނެގުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް އެ ބިއުރޯއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނިފައިނުވާ ފަރާތްތަކުން ބިއުރޯގެ ވެބްސައިޓުގައިވާ ފޯމް މެދުވެރިކޮށް ބިއުރޯއަށް އަންގަވާލަދެއްވުމުން އެފަރާތްތަކުގެ މައުލޫމާތު ނެގުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ބިއުރޯއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންކުރާ ބައެއް ރަށްރަށުން ގުޅޭނެގޮތް ނުވެގެން އެތަންތަނުގައި އުޅޭ މީހުން ބޯހިމެނުމުގައި ދަތިތަކެއް ހުރުމާއެކު، ބޯހިމެނިފައިނުވާ މިފަދަ ތަންތަނާއި ހަވާލުވެތިބި ފަރާތްތަކުން ބިއުރޯގެ ހޮޓްލައިންއަށް ގުޅުއްވުމަށްވެސް އެ ބިއުރޯއިން ވަނީ އެދިލައްވާފައެވެ.
ބޯހިމެނުމުގެ ވަހުތީ ނަތީޖާ 6 އޮކްޓޯބަރުގައި ނެރުމަށް ކުރިން ތާވަލުކުރެވިފައިވީނަމަވެސް ބޯހިމެނުން އިތުރަށް ފުރިހަމަކުރުމަށް، ވަގުތީ ނަތީޖާ ނެރުމުގެ ބަދަލުގައި ކުރިންވެސް ތާވަލުކުރެވިފައިވާ ދާއިމީ ނަތީޖާ ނެރޭ ތާރީޙް 20 އޮކްޓޯބަރ 2022 އަށް ބޯހިމެނުމުގެ ނަތީޖާ ނެރޭގޮތަށް ބިއުރޯއިން ވަނީ ނިންމާފައެވެ.












