
ކާތިކް އާރްޔަން އާއި ކަބީރު ޚާން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރްޔަން، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޑޯޕަމިން ސްޓޫޑިއޯސް" ލޯންޗުކޮށް، ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާއަށް ރަސްމީކޮށް ނުކުމެއްޖެއެވެ.
މި އައު ޕްރޮޑަކްޝަން ހައުސްގެ ދަށުން އޭނާ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ގުޅިފައިވާ ފުރަތަމަ ޕްރޮޖެކްޓަކީ، މަޝްހޫރު ޑައިރެކްޓަރު ކަބީރު ޚާން ޑައިރެކްޓްކުރާ އައު ސްޕޯޓްސް ފިލްމެވެ.
މި ފިލްމުގެ ލީޑު ރޯލުންވެސް ފެނިގެންދާނީ ކާތިކް އާރްޔަން އެވެ. މިއީ ކާމިޔާބު ފިލްމު 'ޗަންދޫ ޗެމްޕިއަން' އަށްފަހު ކަބީރު ޚާން އާއި ކާތިކް ގުޅިގެން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ކާތިކް އާރްޔަން ޕްރޮޑިއުސަރަކަށް ބަދަލުވުމަކީ އޭނާގެ ފިލްމީ ކެރިއަރުގައި އެޅުނު ވަރަށް މުހިންމު އަދި ބޮޑު ފިޔަވަޅެކެވެ. މީގެ ކުރިން އޭނާގެ ފިލްމުތަކަށް ލިބިފައިވާ ބޮޑު ކާމިޔާބީއާއެކު، އަމިއްލަ ސްޓޫޑިއޯއެއް މެދުވެރިކޮށް ތަފާތު ވާހަކަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސްޕޯޓްސް ޑްރާމާގެ ޝޫޓިންގ ކަޝްމީރާއި މުމްބާއީގައި ކުރިއަށްދާއިރު، މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ފެށުމާއެކު، ކުރިއަށް އޮތް ތާނގައި ކާތިކްގެ ފަރާތުން އިތުރު އައު ޕްރޮޖެކްޓުތަކެއް ފެނިގެންދާނެކަމަށް ބެލުންތެރިން އަންނަނީ އުންމީދުކުރަމުންނެވެ.












%20(2).jpeg?w=3840&q=75)