
FWMpYDEUcAAGARm (1)
ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި މާދަމާ ފެށުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައްޔާރުވެއްޖެ އެވެ.
މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ކުރިއަށް ގެންދާނީ ލިސްޓިންގ ގެ މަސައްކަތެވެ. ލިސްޓިންގ ގައި ގޭބިސީތަކުގެ ދިރިއުޅޭ މީހުންގެ ނަންތަކާއި، އިމާރާތްތައް އަދި ވިޔަފާރިކުރާ ތަންތަން ލިސްޓުކުރާނެ އެވެ. ސާވޭގެ ރަސްމީ މަސައްކަތް ފަށާނީ ލިސްޓިންގ މަސައްކަތް ނިމުމުންނެވެ.
މި ގައުމީ ބޮޑު މަސައްކަތް މާދަމާ ފަށާއިރު މުޅި ރާއްޖޭގައި 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން މި ސާވޭއަށް ބޭނުންވާ މައުލުމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ އެވެ.
އެނިއުމަރޭޓަރުން ގޭގެއަށް މާދަމާ ދާއިރު، އެމީހުންނަށް އެއްބާރުލުން ދެއްވުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ރާއްޖޭގައި ދިރުއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިލައްވާފައެވެ. ވަކިން ހާއްސަކޮށް މާދަމާ ގޭގައި ނޫޅޭ ނަމަ ގޭގެ ނުވަތަ އިމާރާތްތަކުގެ ނަން އެނގޭނެ ގޮތެއް ހެދުމަށާއި، ގޭގެ ވެރިފަރާތާއި ގުޅޭނެ ނަންބަރެއް އެނިއުމަރޭޓަރުންނާ ހިއްސާކޮށްދެއްވުމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯ އިން ވަނީ އެދިލައްވާފައެވެ.
ލިސްޓިންގ ގެ މަސައްކަތް ނިމުމުން، ބޯހިމެނުމަށް ބޭނުންވާ އިތުރު މައުލޫމާތު ނެގުމުގެ މަސައްކަތް ފަށާނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. ލިސްޓުކުރުމާއި ސާވޭގެ މަސައްކަތް ކުރާނީ ހެނދުނު 09:00 އިން އިރުއޮއްސި 18:00 އާ ދެމެދުގެ ވަގުތުތަކެއްގައެވެ.












