
-
ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކޮށް ގެންގުޅޭ މައްސަލައެއް ފާހަގަވެ، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މި މައްސަލަ ފެންމަތިވެފައިވަނީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިޔަ ވަގުތެއްގައި ކަމަށެވެ.
އެގޮތުން، އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި މަސް ގެންގުޅޭ ބައެއް ފަރާތްތަކުން، އެއްވެސް ރައްކާތެރިކަމެއް ނެތި ބިންމަތީގައި ސަތަރި އަޅައިގެން، ސަތަރި މަތީގައި މަސް ހިއްކަން ބަހައްޓާފައިވާކަން ސިޓީ ކައުންސިލަށް ވަނީ ފާހަގަވެފައި އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަށް ރަސްމީކޮށް ހުށަހަޅާފައެވެ. އެމް.އެފް.ޑީ.އޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގައި، އެ ސަރަހައްދުގައި ހުރި ތަންތަން ބަލައި، އެފަދައިން މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހުކުރުމަށް ވަނީ އަންގާފައެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް، އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ޢަމަލުތައް ނުބެހެއްޓުމަށާއި، ޞިއްޙީ މިންގަނޑުތަކަށް ފެތޭ ގޮތަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ކައުންސިލުން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައި އެވެ.












%20(2).jpeg?w=3840&q=75)