
large_1598208001216VwI
މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް އޮފިޝަލުން ހޯދަން ހުޅުވާލި ފުރުސަތުގައި މީހުން ހަމަވެފައި ނުވާތީ އަނެއްކާވެސް ފުރުސަތު ހުޅުވާލައިފިއެވެ.
ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވެއެވެ. އެއީ މާލެ ސަރަހައްދަށް 2،409 މީހުންނާއި އަތޮޅުތަކަށް 1،991 މީހުންނެވެ.
ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް އޮފިޝަލުން ހަމަނުވާތީ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިލިންކުން މަސައްކަތަށް ހުށަހެޅޭނެއެވެ. އަދި އިތުރު މައުލޫމާތު 3008400/3008408 އަށް ގުޅައިގެން ހޯދޭނެއެވެ.
ބޯހިމެނުގެ މަސައްކަތުގައި 7 ދުވަހާއި 11 ދުވަހު ދެމެދުގެ މުއްދަތަކަށް އުޅެފިނަމަ ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ ގެ އެލަވެންސެއް ދޭނެ އެވެ. އަދި އިތުރަށް 10 ރުފިޔާގެ އެލަވެންސެއްވެސް ދޭން އެ އިދާރާއިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދޭ އެއް ހަފުތާގެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.












