
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، ފަނޑިޔާރުކަމުގެ މަސައްކަތުން 60 ދުވަހުގެ މުއްދަތަށް އެކަހެރިކުރުމަށް (ސަސްޕެންޑް ކުރުމަށް) ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ 19 އޮގަސްޓު 2026 ގައި ބޭއްވުނު އެ ކޮމިޝަނުގެ 2026/026 ވަނަ ޖަލްސާގައެވެ.
އެ ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މި ފިޔަވަޅު އަޅަން ނިންމީ، މައްސަލައިގެ ބާވަތަށާއި މިހާތަނަށް ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބެލުމަށްފަހުގައެވެ. އަދި މި ނިންމުމަކީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.
މި ނިންމުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ތ) އަށް ހަވާލާދީ، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އެ މާއްދާގެ (ލ) ގައިވާ ގޮތުގެ މަތީންނެވެ.
އެހެންކަމުން، 19 އޮގަސްޓު 2026 އިން ފެށިގެން ކުރިއަށް އޮތް 60 ދުވަހުގެ މުއްދަތަށް ޤާޟީ ޢަބްދުﷲ އިޙްސާން ވަނީ ވަގުތީގޮތުން މަޤާމުގެ މަސައްކަތްތަކުން ދުރުކުރެވިފައެވެ.












