
EEC1BCD9-2C55-4779-AB11-C2F9C203A18B
ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އއ.ތޮއްޑޫގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ނިންމައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ތޮއްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފާމް ޓު ޕްލޭޓް އިންކިއުބޭޝަން ޕްރޮގްރާމް ގެ އޮޕަރޭޝަނަލް ފްރޭމްވޯކް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އަންނަ މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. އަދި ބިޑް ހުށަހެޅުން އަންނަ މަހުގެ 13 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.
ދަނޑުވެރިންނަށް ވިޔަފާރި ފުޅާކުރާނެ ގޮތް ދަސްކޮށްދޭން ތޮއްޑޫގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމިއިރު ތޮއްޑުއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއްރަށެވެ.












