
b_Pmw8ADQpjyqP8sIb4O8HKJqxJ
ވެމްކޯ އިން ކ. ތިލަފުށީގައި ކުނި ބަހައްޓާ ސަރަހައްދުގައި އިއްޔެ ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.
ވެމްކޯ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާ ހިނގީ އެ ރަށުގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ސަރަހައްދުގައި ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނަސް އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ވަންދެން ދުންއެރުން އެކަށީގެންވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސް އާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންވެސް ވަނީ އެތަނުގައި ހަރަކާތްތެރިވެފައެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ މެންދުރު ފަހު ކަމަށާއި އެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
ވެމްކޯގެ ބަޔާނުގައި ބުނީ ކުނިގޮނޑުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖުކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެކުންފުނި ގުޅިގެން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި ތިލަފުށި ވޭސްޓް މެނޭޖުމެންޓް ފެސިލިޓީއަކީ ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށް ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
ތިލަފުއްޓަށް ކުނި ގެންދާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ގެންދިއުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ތަކުރާރުކޮށް ހަނދުމަކޮށްދެން -- ވެމްކޯގެ ބަޔާން
ވެމްކޯއިން އިތުރަށް ބުނީ، ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ކުނި ޕްރޮސެސްކޮށް ބޭލް ކުރާ ކަމަށެވެ.
ނަމަވެސް ތިލަފުށްޓަށް އެކިއެކި ފަރާތްތަކުން ގެންނަ ކުނީގެ އަދަދު އިތުރުވެފައިވާތީ، ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާ ދެމެދުގައި ކަމަށްވެސް ވެމްކޯއިން ބުންޏެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)

