


%20(3).jpeg?w=3840&q=75)




GMG_0579
ގދ ތިނަދޫގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން މިއަހަރު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އިއުލާނުކުރައްވައިފި އެވެ.
މިކަން ރަސްމީކޮށް ސައުދު އިއުލާނުކުރެއްވީ މިރޭ ފެށުނު ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައުދު ވިދާޅުވީ މިރޭ ފެށޭ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތާއި ގުޅޭގޮތުން ތިނަދޫ ޒުވާނުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދިނުމުގެ މަގްސަދުގައި ތިނަދޫ ކައުންސިލުގެ މެމްބަރުންނާއި މިހާރު މަޝްވަރާކުރެވި ތިނަދޫގައި މިއަހަރު އިތުރު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުބާރާތެއް ބާއްވާނެ ތާރީހެއް ސައުދު އިއުލާނެއް ނުކުރައްވައެވެ.
ސައުދު އިތުރަށް ވިދާޅުވީ ޒުވާނުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ކަމަކީ ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ނެހެދި ލަސްވުމުން ކަމަށާއި ލަސްތަކެއް ނުވެ އެދަނޑު ހުޅުވިގެން ދާނެ ކަމަށެވެ.
ތިނަދޫ ކައުންސިލުން އިސްނަގައިގެން ތިނަދޫގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އޮފީސް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ 11 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ.



%20(3).jpeg?w=3840&q=75)




