







ވިލުފުށި
ސަރުކާރުން ބިނާކުރާ ހައުސިންގް ޔުނިޓުތަކުގެ ތެރެއިން ތ.ވިލުފުށީގައި ބިނާކޮށްފައިވާ 100 ހައުސިންގް ޔުނިޓުގެ ޕޮއިންޓް ލިސްޓު އާންމުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ފޯމުތައް ދިރާސާކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ނިންމާލައި، ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްގެ ތަފްސީލު "ހިޔާވެހި" ޕޯޓަލް (ލިންކް) މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ އެވެ.
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ފޯމުތައް ވެރިފައިކޮށް ޕޮއިންޓް ދީފައިވަނީ އެކަމަށްޓައި އެކުލަވާލާފައިވާ ހާއްސަ އުސޫލުގެ ދަށުން، ވުޒާރާ އާއި ރަށު ފެންވަރުގައި ހޮވާލެވޭ މަންދޫބުންގެ ހިމެނޭ ކޮމިޓީއަކުންނެވެ.
މިކަމަށް ޝަކުވާއެއް އޮތްނަމަ ރަސްމީ ދުވަހުގެ 10 ދުވަސް ހުޅުވާލާފައިވާއިރު،ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ނޮވެމްބަރު 10 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ދާއިމީ ލިސްޓު އިޢުލާން ކުރާނީ، މި މުއްދަތުގައި ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކޮށް، ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުގަ އެވެ.
މި ހައުސިންގް ޔުނިޓުގެ ގެ މަސަައްކަތް 2014 ވަނަ އަހަރު ފެށި ނަމަވެސް،ކޯޓު މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާ ހުރެ ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، މި މަސައްކަތް އަލުން ފަށާފައި ވަނީ 2019 ގައެވެ.



