
4030
ހދ.ނޮޅިވަރަންފަރު ނެރުމައްޗަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު ސަވާރީ ބޯޓު ފުންކޮށްފި އެވެ.
ހއ. ކެލާއަށް ނިސްބަތްވާ މި ބޯޓު ފުންކޮށްފައިވަނީ ނޮޅިވަރަންފަރު ކައުންސިލާއި ރައްޔިތުންގެ އިތުރުން އެމްއެންޑީއެފްގެ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިންނާއި ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއާއި ކޯސްޓްގާޑު ޑައިވަރުންގެ އެހީތެރިކަމާއި އެކުގައި އެވެ.
މި އޮޕަރޭޝަންގައި ބޯޓުގެ މައިގަނޑު މެޝިނަރީތަކުގެ ތެރޭގައި ހިމެނޭ އިންޖީނާއި ޝާފްޓް، ޖަނަރޭޓަރު އަދި ހަލްގެ ބޮޑެތި ބައިތައް ވެސް މިހާރު ވަނީ ފުންކޮށް އެއްގަމަށް އަރުވާފައެވެ. މީގެ އިތުރުން ކުނީގެ އިތުރުން ކާގޯގެ ބޮޑުބައެއް ވެސް ވަނީ އެތަނުން ހުސްކޮށް ގޮނޑުދޮށަށް އަރުވާފަ އެވެ.
އެމްއެންޑީއެފުން ބުނީ އެހީގެ މި އޮޕަރޭޝަން ނިންމާލާފައިވަނީ 13 ސެޕްޓެންބަރު 2022 ގައި އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ސަވާރީ ބޯޓު ނެރުމައްޗަށް އަރާފައި ވަނީ ބުރާސްފަތި ދުވަހު އިރުއޮއްސި 6:30ގައެވެ. މައުލޫމާތު ލިބުނުތާ ހަތަރު މިނެޓު ތެރޭ އެމްއެންޑީއެފްގެ ސިފައިން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.











