








ހުޅުމާލޭ ސްޕާއެއް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅުނު 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ސްޕާ އަދި ސެލޫންތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ހުޅުމާލޭގެ 8 ސްޕާ އަދި ސެލޫން ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 26 މީހެއްގެ މައުލޫމާތު ސާފުކޮށް، ޗެކްކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ. އަދި މި އޮޕަރޭޝަނުގައި ޗެކްކުރި މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ހިންގި ގިނަ ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މިފަދަ މައްސަލަތަކުގައި ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އަނބުރާ އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.




