







ތީ ލައިވް އެސްސީ އާއި ޔުނައިޓެޑް ކޮންކުއިސްޓާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
ތ.ގުރައިދޫގައި މިހާރު ކުރިއަށްދާ އެމްޕީ ކަޕް 2026 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ކޮންކުއިސްޓާ އާއި ދެކޮޅަށް ކުޅުނު މެޗު 0-6 ގެ ނަތީޖާއަކުން ތީ ލައިވް ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި ތީ ލައިވް އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ޔުނައިޓެޑް އާރުޑީއެލް އަތުން ބަލިވިއިރު، ޔުނައިޓެޑް ކޮންކުއިސްޓާ އެންމެ ފަހުން ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން އާރުޑީއެލް އެސްސީ އަތުން އެޓީމު ވެސް ވަނީ ބަލިވެފައެވެ.
މުޅި މެޗުގަައި ވެސް މޮޅަށް ކުޅެ ތީ ލައިވް ސްޕޯޓްސް ކުލަބު މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ކޮންމެ ހާފެއްގައި ވެސް އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ އަހުމަދު ހަމީދު ދެލަނޑު ކާމިޔާބުކުރިއިރު، އަހުމަދު އިރުޝާން، އިބްރާހިމް އަލީ، ނައުހަދު އިބްރާހިމް އަދި އަހުމަދު ރިފާއު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތީ ލައިވް ސްޕޯޓްސް ކުލަބުގެ އަހުމަދު ހަމީދު އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަ ޕޮއިންޓާއެކު ތީ ލައިވް ތާވަލުގެ ހަތަރުވަނައިގައި މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑް ކޮންކުއިސްޓާ އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. 04 ސެޕްޓެމްބަރު 2026 އިން 13 ސެޕްޓެމްބަރު 2026 ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ލީގުބުރުގެ އެއްވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މަޅި އިވެންޓްގެ ފަރާތުން އިތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.








