

.jpeg?w=3840&q=75)




ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް
މިއަދަކީ ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަމުންދާ ދުވަހެވެ. ރާއްޖެ ކަހަލަ ތައުލީމަށް ލޯބިކުރާ އަދި ލިޔަންކިޔަން ދަތުމުގެ ނިސްބަތް ސައްތައިން ސައްތައާ ގާތްކުރާ ގައުމެއްގައި މި ދުވަސް ފާހަގަކުރަނީ ވަރަށް ފަހުރުވެރިކަމާއެކުގަ އެވެ.
މި ދުވަހަކީ އުނގެނުމާއި އުނގަންނައިދިނުމުގެ މުހިންމުކަން ހަނދާންކޮށްދީ، މުޖުތަމައުގެ ކުރިއެރުމަށާއި ފަރުދުންގެ ތަރައްގީއަށް ލިޔަންކިޔަން ދަތުމުގެ މުހިންމުކަން ކަށަވަރުކޮށްދޭ މުހިންމު މުނާސަބަތެކެވެ. އަދި ރާއްޖޭގެ ތާރީހަަށް ބަލާއިރު، އަސާސީ ތައުލީމުގެ މަޝްރޫއުތަކުގެ ތެރެއިން މުޅި ރާއްޖެ ލިޔަންކިޔަން ދަންނަ ގައުމަކަށް ހެދުމަށް ކުރެވުނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއްކަން ފާހަގަވެގެންދެ އެވެ.
ރާއްޖޭގެ ލިޓަރަސީ ރޭޓް މައްޗަށް ގޮސްފައިވާ މިންވަރަށް ބަލާލަމާ އެވެ. އެގޮތުން 1977 ވަނަ އަހަރު 82.3 އިންސައްތައިގައި އޮތް ނިސްބަތް 1985 ވަނަ އަހަރާ ހަމައަށް އައިއިރު 92.2 އިންސައްތައަށްވަނީ އަރާފަ އެވެ. އަދި 2006 ވަނަ އަހަރު 97.4 އިންސައްތައަށް އެރިއިރު، އެންމެ ފަހުން 2022 ވަނަ އަހަރު އާންމުކޮށްފައިވާ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ލިޓަރަސީ ރޭޓް ވަނީ 98.6 އިންސައްތައަށް އުފުލިފައެވެ. ޚާއްޞަކޮށް މާދަރީ ބަހުން ލިޔަންކިޔަން ދަންނަ ނިސްބަތް 2014 ވަނަ އަހަރު 97.7 އިންސައްތައިގައި އޮތުމަށްފަހު، 2022 ވަނަ އަހަރު ވަނީ 98.6 އިންސައްތައަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި ފިރިހެނުންގެ ނިސްބަތް 97.4 އިންސައްތައިން 98.6 އިންސައްތައަށް އަރާފައިވާއިރު، އަންހެނުންގެ ނިސްބަތް ވަނީ 98.0 އިންސައްތައިން 98.7 އިންސައްތައަށް އިތުރުވެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތްތަކުގައި ތަފާތުތައް އެބަހުރި އެވެ. އެގޮތުން 2022 ވަނަ އަހަރު ދިވެހި ބަހުން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް މާލޭގައި 99.2 އިންސައްތައިގައި އުޅޭއިރު، އަތޮޅުތެރޭގެ ނިސްބަތަކީ 98.2 އިންސައްތައެ ވެ. މީގެ އިތުރުން އިނގިރޭސި ބަހަށް ބަލާއިރު، މާލޭގައި އުމުރުން 10 އަހަރާއި 39 އަހަރާ ދެމެދުގެ ގާތްގަނޑަކަށް ސައްތައިން ސައްތަ މީހުންނަށް އިނގިރޭސި ބަހުން ލިޔަންކިޔަން އެނގެއެވެ. ނަމަވެސް އުމުރުން ދުވަސްވީ ވަރަކަށް މި ނިސްބަތް ދަށަށްދެއެވެ. އަތޮޅުތެރޭގައިވެސް 10 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އިނގިރޭސި ބަހުގެ ލިޓަރަސީ ރޭޓް 95 އިންސައްތައިގައި ހުރިއިރު، 50 އަހަރުން މަތީގެ މީހުންގެ މެދުގައި މި ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެންދެ އެވެ.
މިހާރުގެ ތަފާސްހިސާބުތަކުން މިފަދަ އުފާވެރި މަންޒަރެއް ފެންނަން އޮތް ނަމަވެސް، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު މިއަދު ރާއްޖެއަށް ވަނީ އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ސްކްރީންތަކަށް ކުދިންގެ ސަމާލުކަން ހުއްޓި، ފޮތް ކިޔުމުގެ އާދަ މުޖުތަމަޢުން ފަނޑުވަމުންދާކަމީ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ހާއްސަކޮށް މާދަރީ ބަހުން ލިޔެފައިވާ ފޮތްތަކާއި ލިޔުންތައް ކިޔާ މިންވަރު މަދުވަމުންދާތީ، ދިވެހި ބަހާއި އަދަބިއްޔާތަށް އޮތް ލޯބި ކުޑަވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ލިޔަންކިޔަން އެނގުމުގެ މާނައަކީ ހަމައެކަނި އަކުރުތައް ދެނެގަތުން ކަމުގައި ނުވެ، އެއީ ފޮތްކިޔުމަށް ޝައުގުވެރިވުމާއި އަމިއްލަ ވިސްނުން ތަރައްޤީކުރުން ކަމުގައި މިއަދު ހަދަން ޖެހިފައިވެ އެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ފޮތް ކިޔުމުގެ އާދަ އަލުން ދިރުވައި އާލާކުރުމެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މުދައްރިސުންނާއި، މައިންބަފައިންނާއި ދައުލަތުން ގުޅިގެން ހޯދާފައިވާ 98.6 އިންސައްތައިގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ޑިޖިޓަލް ޒަމާނަށް ފެތޭ ގޮތަށް ލިޓަރަސީގެ މާނަ ފުޅާކުރަންޖެހެއެވެ.
ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި އުނގެނުމަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ސްކޫލްތަކާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށް، ހޭލުންތެރި، އުފެއްދުންތެރި އަދި ފުޅާ ވިސްނުމެއްގެ ވެރި ޖީލެއް ބިނާކުރެވޭނީ ފޮތްކިޔުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. މި މަސައްކަަތުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެލައިގެން ތަފާތު ދެއްކޭނެ އެވެ.


.jpeg?w=3840&q=75)
