
Cities-Kazakhstan-2
ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކަޒަކިސްތާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހި ރައްޔިތުންގެ ވިސާ މިއަދުން ފެށިގެން މައާފުކޮށްދެވޭނެ ކަމަށެވެ. އަދި މި ވިސާ މައާފުކޮށްދިނުމުގެ ސަބަބުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް ކަޒަކިސްތާނަށް އެތެރެވެވޭ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް ކަޒަކިސްތާނުގައި އެތެރެވެ، އެ ގައުމުގައި ތިބެވޭނެ ކަމަށެވެ.
ކުރިޔާލައި ވިސާ ނެގުމަކާއި ނުލައި ކަޒަކިސްތާނަށް ދެވޭ ގޮތަށް އެއްބަސްވުމެއްގައި ރާއްޖެއާއި ކަޒަކިސްތާނުން ސޮއިކުރީ މިއަހަރުގެ މޭ މަހުގެ ތެރޭގައި އެވެ.
ކަޒަކިސްތާނަށް ވިސާ ގެ ލުއިދިނުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި، ރާއްޖެއާއި ކަޒަކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިވެގެންދާނެ މުހިންމު ލަނޑުދަނޑިއެއްކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.












