
202208227bff0b475a5d4cdca1db404f336012ba_03ab9b3d-a8e3-47b6-ba22-695cc0ac8721
އިންޑިއާގެ ބެންގަލޫރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ފެންބޮޑުވެ ހާލަތު ގޯސްވަމުންދާތީ، އެސިޓީގައި ތިބި ދިވެހިނންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ރޭ ބުނީ، ބެންގަލޫރުގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށައި، މިއަދުވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް އެހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް ފެންބޮޑުވުމުގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފައިވޭތޯއާއި އެމީހުންގެ ހާލު ބަލަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
"ހައި ކޮމިޝަނުން ހާލަތު ވަރަށް ގާތުން ބަލަމުން އަންނަނީ އަދި އެ ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގުޅުމުގެ މަސައްކަތް ވެސް އެބަކުރޭ. މިހާތަނަށް ގުޅުނު އެންމެންގެ ހާލުވެސް ރަނގަޅު." މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށެވެ.












