
-
މުދާ އެތެރެކޮށް ބޭރުކުރުން އަވަސްކުރުމަށް، އުޅަނދެއް އެ ޤައުމަކަށް ބަނދަރު ކުރުމުގެ ކުރިން މައުލޫމާތު ބަދަލު ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސަރަޙައްދީ 3 ޤައުމެއްގެ ކަސްޓަމްސް އިދާރާތަކުގެ މެދުގައި މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު އޭޝިއާގެ ސަރަޙައްދީ އިޤްތިޞާދީ ގުޅުމުގެ (ސަސެކް) ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްދާ މި ބައްދަލުވުމުގައި، ރާއްޖެ ހިމެނޭހެން ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލުގެ ކަސްޓަމްސް މުއައްސަސާތަކުން ވަނީ މި އެއްބަސްވުމުގައި ބައިވެރިވެފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ (އޭޑީބީ) ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރާ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން، މި ހަތަރު ޤައުމުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކޮށް ބޭރުކުރާ މުދަލުގެ މައުލޫމާތު، އެ މުދަލެއް ގެންނަ އުޅަނދު ބަނދަރުކުރުމުގެ ކުރިން ބަނދަރުކުރާ ޤައުމެއްގެ ކަސްޓަމްސް އިދާރާއާ ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޯޑަރު ސަރަޙައްދުގައި މުދާ ލިބުން ލަސްވުމުގެ މައްސަލައަށް ހައްލެއް ލިބި، މުދާ އުފުލުމުގެ ޚަރަދުތައް ކުޑަވެ، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށެވެ.















.jpg?w=3840&q=75)
.jpg?w=3840&q=75)