








viber_image_2022-09-04_10-26-14-187
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 3 ސެޕްޓެމްބަރ 2022 ވަނަ ދުވަހުއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢުގެ ދަށުން ގދ. ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން، ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600,6 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 8.27 މިލިއަން ރުފިޔާއެވެ.
ގދ. ރަތަފަންދޫގެ 385,1 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. އެކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.






