
ޕެންޝަން އޮފީސް- ފޮޓޯ: ޕީއެސްއެމް
ޕެންޝަން ފައިސާގެ ގޮތުގައި މިދިޔަ މަހުގައި 173.36 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގެ ޕެންޝަން ނިޒާމުގެ ދަށުން މައިގަނޑުކޮށް ދެ ޕެންޝަނެއް ހިމެނޭއިރު، އެއީ ރިޓަޔާމަންޓް ފައިސާ ރައްކާކުރުމުގެ ފުރުސަތު ފަހިކޮށްދޭ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އަދި ދައުލަތުން ހަރަދުކޮށްގެން ދޭ އަސާސީ ޕެންޝަން އެވެ.
މީގެއިތުރުން ޕެންޝަން އޮފީހުގެ ބެލުމުގެ ދަށުގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ އިނާއަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް ބެނެފިޓްތައް ދޫކުރުމުގެ މަސައްކަތްވެސްވެސް ކުރެ އެވެ.
ދޮށީ އުމުރުގެ ރައްޔިތުންނަށް އެކަށީގެންވާ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދީ، ފަގީރުކަން ރައްކާތެރިކުރުމަށް ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އިނާއަތްކަމަށްވާ އަސާސީ ފެންޝަންގެ ގޮތުގައި މިދިޔަ މަހު 127.91 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެތެރެއިން އިނާއަތްލިބޭ މީހުންގެ ގޮތުގައި ހިމެނެނީ 27,196 މީހުންނެވެ.
ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރުގެ މުއްދަތަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ޕެންޝަނާއި ޢިނާޔަތްކަމަށްވާ ދިގުމުއްދަތުގެ ހިދުމަތުގެ ޕެންޝަންގެ ގޮތުގައި މިދިޔަ މަހު 4.33 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އިނާއަތްލިބޭ 2,216 މީހުންނެވެ.
މީގެއިތުރުން ދެން ހިމެނޭ 2 ޕެންޝަންްކަމަށްވާ ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 26.73 މިލިޔަން ރުފިޔާ ދީފައިވާއިރު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ ގޮތުގައި ދީފައިވަނީ 14.39 މިލިޔަން ރުފިޔާ އެވެ.
ދައުލަތުގެ އެހެނިހެން ޕެންޝަން އަކީ ދައުލަތުގެ މުއައްސަސާތަކާއި ޔުނިފޯމް އެޅި ހިދުމަތްތަކުން ވަކިވެފައިވާ، ޝަރުތުހަމަވާ ކުރީގެ މުވައްޒަފުންނަށް ދެވޭ ރިޓަޔަމަންޓް ޢިނާޔަތެވެ. އަދި އެމްއާރްޕީއެސް އަކީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ޖަމާކުރާ ކޮންޓްރިބިއުޝަންގެ މައްޗަށް ބިނާވެފައިވާ، ވަޒީފާ އަދާކުރާ މުއްދަތުގައި ފައިސާ ރައްކާކޮށް ރިޓަޔަރވުމަށްފަހު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭ ސްކީމެވެ.
ޕެންޝަން އޮފީހުން މެނޭޖްކުރާ ފަންޑުގެ ސާފު އަގު (ނެޓް އެސެޓް ވެލިއު) 29.94 ބިލިޔަން ރުފިޔާއަށް އަރާއިރު، ޕެންޝަން އޮފީހުން 107،000 އަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފަންޑު ބަލަހައްޓާއިރު، ޕެންޝަންއަކީ ދޮށީ އުމުރުގެ ރައްޔިތުންނާއި ދައުލަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދޭ އިނާޔަތެކެވެ.












