





އެއްބަސްވުމުގެ ސޮއިކުރުމުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ
ށ.ފުނަދޫ އާއި ކ.މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް ގެ ފަރާތުން މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ޖަމްޝީދު އެވެ.
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ފުނަދޫ 26.55 ހެކްޓަރު ބިން ހިއްކުމާއި، 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުން އަދި 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުން ހިމެނެ އެވެ.
މީގެއިތުރުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ދަށުން މާފުށީ 25 ހެކްޓަރުގެ ބިން ހިއްކުމާއި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރު އަދި 356 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި (ގްރޮއިން) ހެދުންވެސް ހިމެނެ އެވެ.






