








ކުޑަކުދިންތަކެއް ----
ކުޑަކުދީންނަކީ މާތް ﷲ މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، އެ ކުދީންގެ ރައްކާތެރިކަމަށް ހުރިހާ ވަގުތެއްގައިވެސް ސަމާލުވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ކުޑަކުދީންގެ ޙައްޤުތައް" މި މަޢުޟޫއަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ކުޑަކުދީންނަކީ އިންސާނުންގެ ލޮލުގެ ފިނިކަމެވެ. އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަމާއި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ކަމެކެވެ. އެހެންކަމުން، ހުރިހައި ޙާލެއްގައި އަދި ހުރިހައި ވަގުތެއްގައިވެސް އެ ކުދީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ.
މި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މަޢުސޫމު ކުއްޖަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި ޚަބަރާއި، ޢިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރަކީ މުޅި މުޖުތަމަޢަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި އެ މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވިއެވެ.
ކުޑަކުދީންނަށް އިހުމާލުނުވުމަށް ބާރުއަޅަމުން، ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތް ފާހަގަކޮށް ޚުޠުބާގައި ބަޔާންކުރީ، އަމިއްލަ ނަފުސާއި އަހުލުވެރިން ނަރަކައިގެ ޢަޒާބުން ސަލާމަތްކުރުމަށް މާތް ﷲ އަމުރުކުރައްވާފައިވާއިރު، ކުޑަކުދީންނަކީވެސް އެ އަމުރުގެ ތެރޭގައި ހިމެނޭ އަހުލުވެރިން ކަމަށެވެ. އެހެންކަމުން އެކުދިންގެ ދުނިޔެވީ އަދި އުޚުރަވީ ރައްކާތެރިކަން ކަށަވަރުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
މީގެއިތުރުން، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތައް ދުނިޔެއަށް އައުމުގެ އެތައް ޒަމާނެއް ކުރިން، މާތް ﷲ ގެ މަތިވެރި އިސްލާމީ ޝަރީޢަތުގައި ކުޑަކުދީންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ކަނޑައަޅުއްވައި، އެ ޙައްޤުތައް ރައްކާތެރިކުރުމަށް އަންގަވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެކެވެ. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެކެވެ. އެ ކުދީންގެ ކަރާމާތް އަންގަވައިދެއްވަމުން، ރަޙްމާނުވަންތަ ﷲ، ކީރިތި ޤުރްއާނުގައި ޞާލިޙު އަޅުތަކުންގެ ދުޢާ ބަޔާންކުރައްވައި ވަޙީކުރައްވައިފައި ވެއެވެ.
"އަދި އެބައިމީހުންނީ، މި ފަދައިން ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوىވެރީންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"
މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيْرَنَا)
މާނައީ: "އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ."
ނަމަވެސް ހިތާމަޔަކީ ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަމެވެ. މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހައިމެ ހިތްދަތިވާ ކަމެކެވެ.
ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި، މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް ޚުޠުބާގައި ގޮވާލިއެވެ.








