
FbOGZZBWAAAvUgg
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފައި ވަނިކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ގައުމަށް ވަޑައިގެންފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ އިންޑިއާގެ ދަތުރާ ބެހޭ ގޮތުން އެމަނިކުފާނުގެ ތަރުޖާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާގައި ޝާހިދު ހުންނަވާނީ މިއަދާއި މާދަމާ ކަމަށެވެ.
އަދި އެ ދަތުރުފުޅަކީ އަމިއްލަ ދަތުރަކަށްވާތީ އެކަމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެއްވި ނަމަވެސް އިތުރު ތިން ބޭފުޅަކާ އެކީ ކުރައްވާ ދަތުރަކީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުގެ ހަރަދުގައި ކުރައްވާ ދަތުރުކެވެ.
ޝާހިދުގެ ދެ ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރާއި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ. ގައި އިންޑިއާގެ ދައުރު މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ވާހަކަ އޭނަ ދަތުތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ޓްވީޓްކުރައްވައި ޝާހިދު ވިދާޅުވި އެވެ.












