
big_oOru50yrT3UK1H3FZV4SXauOC
ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންތާ އެއާ އިން ދަތުރު ނުކޮށްދޭ މައްސަލައާ ގުޅިގެން އެރަށުގައި ހިންގި ހަމަ ނުޖެހުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ކޯޓުން އެ އެންމެން އިއްޔެ ދޫކުރި އިރު، 14 މީހަކު ދޫކުރީ ޝަރުތުތަކާއެކުގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖުމްލަ 17 މީހަކު ހައްޔަރުކޮށްފައެވެ.
ކުޑަހުވަދޫގައި މަންޓާ އެއާ ދެކޮޅަށް މުޒާހަރާކޮށް، އެ އެއާލައިނުން ހިންގާ އެއާޕޯޓް ކައިރީގައި ބަޔަކު މުޒާހަރާކުރަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ އިރާކޮޅުން ފެށިގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ ހާޓްއެޓޭކެއް ޖެހުނު މީހަކު މަންޓާ އެއާ އިން މާލެ ގެންދަން ދެކޮޅު ހެދުން ކަމަށް ބުނެފައިވެއެވެ.
މި މައްސަލަ ހޫނުވެ ސިލްސިލާ މުޒާހަރާތަކެއްކޮށްފައިވާ އިރު މައްސަލަ އިއްޔެ ރޭ ހައްލުވީ މަންޓާ އެއާ އިސްވެރިންގެ ޓީމެއް ކުޑަހުވަދު އަށް ގޮސް ރައްޔިތުންނާއި ކައުންސިލާ ބައްދަލުކުރުމުންނެވެ. އެގޮތުން ރައްޔިތުންގެ ޑިމާންޑާ އެއްގޮތަށް މަންޓާ އެއާ އިންވަނީ ބަލިމީހުން އުފުލަން އެއްބަސްވެފަައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާރު ވަނީ މަންޓާ އެއާގެ އިތުރުން ފްލައި މީއަށް ވެސް ކުރިއަށް އޮތް 3މަސް ދުވަސް ތެރޭގައި ބަލި މީހުން އުފެލޭނެ އިންތިޒާމުތައް ހަމަޖައްސަން އަންގާފައެވެ.












