








296099737_3163858193876768_8692735801729670806_n
ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންތާ އެއާ އިން ދަތުރު ނުކޮށްދޭ މައްސަލައާ ގުޅިގެން އެރަށުގައި ހިންގި ހަމަ ނުޖެހުމާއި ގުޅިގެން 11 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ގާފު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ މުޒާހަރާއާ ގުޅިގެން 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުޑަހުވަދޫ އެއާޕޯޓު ކުރިމަތީ ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ 27 އަހަރުގެ ތިން މީހުންނާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 31 އަހަރުގެ ދެ މީހުންނާއި 32 އަހަރުގެ ދެ މީހުންނާއި 45 އަހަރުގެ މީހަކާއި 51 އަހަރުގެ މީހެކެވެ.
މި މީހުންގެ ތެރެއިން 9 މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. 2 މީހަކު ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކުޑަހުވަދޫ އެއާޕޯޓު އޮޕަރޭޓްކުރަނީ މަންތާ އެއާލައިނުންނެވެ. އެ ރަށު ރައްޔިތުން އެއާޕޯޓު ކުރިމަތީ މުޒާހަރާ ފެށީ މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެންނެވެ. އެ ހަމަނުޖެހުންތަކުގައި އާއްމުން ފުލުހުންގެ މެދުގައިވެސް ކުރިމަތިލުންތަކެއް ހިގާފައިވެއެވެ.




