
DSC_7654
ފަތުވާ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް އަންނަނެ ޖެހޭ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް، އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އުފެއްދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފެއްދި މަޖިލީހެކެެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރައްވާ 05 މެންބަރުންގެ މައްޗަށެވެ.
އެ މަޖިލީހުގައި މި ވަގުތު ހުންނެވީ އެ މަޖިލީހުގެ ރައީސް ޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ. ދެން ތިއްބެވި މެންބަރުންގެ ދައުރު ވަނީ ހަމަވެފައެވެ.
ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާ އިރު، އިސްލާމް ދީނުގައި ޔޯގާގެ ހުކުމް އެކި ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން އަންނަނީ އެކި ގޮތް ގޮތަށް ފާޅުކުރަމުންނެވެ.
ނާޒިމްގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ފަތުވާ މަޖިލިސް ހަރަކާތްތެރިކުރުވުމަށް ގޮވާލާފައެވެ.












