
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
މިއީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހުށަހެޅި އިސްލާހެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އަދި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މި ނިންމުން ފާސްކުރީ ސަރުކާރުގެ ފަރާތުން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ބިލު ފާސްކުރަން ފެންނަކަމަށް ނިންމުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓަކްޗާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމްކޮށް، ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ. އަދި ގައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗުގައި ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ.
މީގެއިތުރުން ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުއާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސިވްޗެއް ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިންކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ތަފާތު ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑާއި ވޮލެޓުން އަނެއް ބޭންކެއްގެ ކިޔުއާރްކޯޑު އަދި މެޝިންތަކަށް ފަސޭހައިން ފައިސާ ދެއްކޭއިރު، މިކަމުގެ ސަބަބުން މުއާމަލާތްތަކުން ނަގާ ފީ ކުޑަވާނެ ކަމަށެވެ.
މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއްކަން ފާހަގަކުރައްވާފަ އެވެ.












