








0_Conjunctivitis
ލޮލުން ލޭ އަންނަ، ފުރާނައަށް ނުރައްކާވާ ބައްޔެއް ޔޫރަޕުން ފެނިއްޖެ އެވެ.
ކްރީމިއަން ކޮންގޯ ހެމަރޭޖިކް ފިވާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގައި ލޮލުން ލޭ އައުމާއެކު، ހޮޑުލެވޭ އިރު ބަލި ޖެހޭ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު މަރުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެންމެ ފަހުން މި ބަލި ފެނިފައިވަނީ ޔޫރަޕުގެ ގައުމެއް ކަމަށްވާ ސްޕެއިން އިން، މިމަހުގެ 25 ވަނަ ދުވަހު އެވެ. ސްޕެއިން އިން އެބަލި ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވަނީ މެދު އުމުރުގެ މީހަކަށެވެ. އެމީހާ މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ.
ބަލީގެ އަލާމާތްތަކުގެ ތެރޭގައި ލޯ ރަތްވުމާއި ހޮޑުލުމާއި، ބަނޑުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމާއި މޫޑް ސްވިންގްސް އިތުރުން ލޮލުން ލޭ އައުން ހިމެނެއެވެ. އެމީހާވެސް އެޑްމިޓް ކުރީ ލޮލުން ލޭ އައުމާއެކު ހޮޑުލެވޭތީ އެވެ.
މިއީ ގައިން ގަޔަށް އެރުމުގެ ފުރުސަތުވެސް އޮތް ބައްޔެއް ކަމަށްވާއިރު، މި ބައްޔަށް ފަރުވާ ކުރަން ޚާއްސަ ބޭހެއް ތައްޔާރުވެފައިނުވާއިރު، ބަލިން ރައްކާތެރިވުމަށް ވެކްސިނެއްވެސް ދުނިޔޭގައި އުފައްދާފައި ނުވެއެވެ.
މި ބަލި ގައިން ގަޔަށް އަރަން މެދުވެރިވަނީ ބަލި ޖެހިފައި ހުންނަ މީހާގެ ކުޅާއި ލެއާއި އެފަދަ ވަސީލަތްތައް މެދުވެރިވެގެންނެވެ.




