


.jpg?w=3840&q=75)





ޣައްޒާ
ޔަހޫދީ ޒަޔަނިސްޓު ދައުލަތުން ފަލަސްޠީނުގެ ޣައްޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދަ ކުރުމުގެ އަނިޔާވެރި، ލާއިންސާނީ ޢުދުވާނަށް ތިން އަހަރު ފުރިގެންދިޔައިރު، ހިޞާރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މާޔޫސްކަމެއް އުފެދިފައެވެ. އެއީ ދުނިޔޭގެ ބޮޑުބާރު ކަމަށް ދަޢުވާކުރާ އެމެރިކާއިން އެމީހުން މުޅިން އެކަހެރިކޮށް، އަނިޔާވެރިންގެ އަތްދަށަށް ދޫކޮށްލާފައިވާ ކަމުގެ އިޙްސާސެވެ.
އެމެރިކާ އިސްވެ، ވަގުތީ ގޮތުން ހަމަލާތައް މެދުކަނޑާލުމަށާއި އަސީރުން ބަދަލުކުރުމުގެ ކަންކަމުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރި ކަމަށް ދެއްކި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ގެންގުޅުނު ސިޔާސަތުތަކާއި ކުރި މަސައްކަތްތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާއަށް ޣައްޒާގެ ރައްޔިތުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. ހަމައެކަނި އެމީހުންގެ އިންތިޚާބުތަކުގައި ވޯޓު ހޯދުމަށް ބޭނުންކުރި ސިޔާސީ ހަތިޔާރެކެެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހަނގުރާމައަށް ވަގުތީ ފިނިކަމެއް އައި ނަމަވެސް، އެމެރިކާގެ އަސްލު އަމާޒަކީ އަބަދުވެސް ހަމައެކަނި އަނިޔާވެރި ޔަހޫދީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމެވެ.
ޣައްޒާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް ޓްރަމްޕް އެކުލަވާލެއްވި އެއް އަހަރު ދުވަހުގެ މަގުޗާޓު މިހާރު ވަނީ ކުރިއަށް ނުގޮސް، ސިޔާސީ ދެބަސްވުންތަކުގެ ތެރޭގައި ތާށިވެފައެވެ. 10 އޮކްޓޯބަރު 2025 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އަސީރުންނާއި ފަލަސްޠީނުގެ 2،000 ރަހީނުން މިނިވަންކުރެވުނު ނަމަވެސް، ޔަހޫދީ އިސްތިޢުމާރީ ސިފައިން ފޭބުމާއި ޣައްޒާ އަލުން އާބާދުކުރުން ފަދަ މުހިންމު ކަންކަން ވަނީ ހުއްޓިފައެވެ. އަދި ހަމަލާތައް ހުއްޓައިލުމަށް އެއްބަސްވި ފަހުން ވެސް، ޔަހޫދީން ދިން ޣައިރުގާނޫނީ ހަމަލާތަކުގައި ފަލަސްޠީނުގެ 1،400 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.
މި ހަނގުރާމައިގެ ފެށުމަށް ބަލާއިރު، 7 އޮކްޓޯބަރު 2023 ގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަސްކަރީ ހަރަކާތެއް ހިންގަން މަޖުބޫރުވީ މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައި، ތަކުރާރުކޮށް އެތަނަށް ޔަހޫދީން ވަދެގަތުމާއި، ހުޅަނގު އައްސޭރީގައި ޣައިރުގާނޫނީ ވަޒަންވެރިން ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށެވެ. ނަމަވެސް އޭގެ ބަދަލުހިފުމެއްގެ ގޮތުން ޔަހޫދީން ފެށި ރަޙުމެއްނެތް ޤަތުލުއާންމުގައި މިހާތަނަށް 74،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، ޣައްޒާގެ އުމްރާނީ ވަޞީލަތްތަކުގެ 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިކޮށްލައިފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ބަލިމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން ނުސީދާކޮށް ޝަހީދުވި މީހުންގެ ޢަދަދު 200،000 އަށް ވުރެ މައްޗަށް އަރާނެއެވެ.
މި ނުރައްކާތެރި ޙާލަތުގައި ވެސް ޔަހޫދީން ދަނީ ހުޅަނގު އައްސޭރިއާއި ޤުދުސްގެ ބިންތައް ފޭރިގަތުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ. އަދި އެ ސަރަޙައްދުތަކުން ވެސް 1،100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅެނީ ޣައިރުގާނޫނީ ގޮތުގައި ކަމަށް ކަނޑައަޅައި، އައިސީސީން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވީ ނަމަވެސް، އެމެރިކާއިން އަދިވެސް ދަނީ އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔަހޫދީ ދައުލަތަށް ފޯރުކޮށްދީ، އެ ޖަރީމާތަކަށް ވާގިވެރިވަމުންނެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ރޮބަޓް މެލީ އާއި ބައިނަލްއަޤުވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އީރާނު ހަނގުރާމަ އާއި މެދުއިރުމަތީގެ ސަރަޙައްދީ އެހެނިހެން ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން މިވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
އެހެންނަމަވެސް، އުންމީދުގެ އަލިކަމެއް ފެންނަން އޮތީ އެމެރިކާގެ އާންމު ރައްޔިތުންނާއި ޒުވާނުންގެ މެދުގައެވެ. ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، ފަލަސްޠީނުގެ ޙައްޤުގައި އެމީހުން ފާޅުކުރާ ޝުޢޫރުތައް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނާތީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޣައްޒާގެ މައްސަލައަކީ ވަރަށް މުހިންމު ސިޔާސީ ބަހުސަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. ކޮންމެއަކަސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިހުމާލާއި ދެފުށްދެކެހި ސިޔާސަތުތަކުގެ ސަބަބުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ތަޙައްމަލުކުރަމުންދާ ވޭނަކީ ތާރީޚު ދުވަހަކުވެސް މަޢާފުނުކުރާނޭ ބޮޑު ޖަރީމާއެކެވެ.



.jpg?w=3840&q=75)
