








LjADZc4MKbTPUKpf7nJg
ކޮވިޑް-19 އަށް ފަހު ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން އިތުރުވެ ޕާސްޕޯޓުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ހިދުމަތް ދިނުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމްގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގިނަ ގައުމުތަކުގައި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ދަތުރުކުރުމުގެ ލުއިތައް ދިނުމުން ރާއްޖޭން ބޭރަށްދާ ދިވެހިންގެ އަދަދު އަންދާޒާ ކުރި ވަރަށްވުރެ ވެސް ގިނަވެފައިވާ ކަމަށެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް ދިވެހި ޕާސްޕޯޓަށް އެދި ކުރިން އެވްރެޖްކޮށް ހުށަހަޅަނީ 200 ފޯމު ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އިތުރުވެ އެވްރެޖްކޮށް 800 ފޯމު ހުށަހަޅާ ކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ މި ޑިމާންޑާ ގުޅިގެން ރޭގަނޑު 21:30 އާއި ހަމައަށް އިމިގްރޭޝަނުން މަސައްކަތްތައް މެދުނުކެނޑުމެއްނެތި މިހާރު ކުރިއަށް ގެންދާ ކަމަށެވެ. މި ބަދަލާއެކު، މާދަމާއިން ފެށިގެން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން 15:00 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.




