








154569_3_947977bb81d8bf13dd3137b0ca766e7274c5732f_medium
މިއަހަރުގެ ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ މީހުންނަށް ފަސޭހައިން ޕާސްޕޯޓް ހެއްދޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިކަމާއި ގުޅޭ ގޮތުން، އާންމުކޮށްފައިވާ ޢިއުލާނުގައި ބުނީ، 1443 ވަނަ އަހަރު ޢުމްރާއަށް ދިއުމަށް ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާ ކަމަށެވެ.
އިމިގްރޭޝަން އިން ބުނީ، އިމިގްރޭޝަން އޮފީހަކަށް ވަޑައިނުގެން އިމުގަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ޕާސްޕޯޓު ހެއްދޭނެ ކަމަށެވެ.
އިމުގަ ޕޯޓަލްއަށް ޕާސްޕޯޓު ހެއްދުމަށް ލާއިރު، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކުލަ ކޮޕީއެއް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ޕާސްޕޯޓު ފޮޓޯ ހުންނަ މިންގަނޑަށް ނަގާފައިވާ ޑިޖިޓަލް ފޮޓޯއެއް އަޕްލޯޑު ކުރަން ޖެހޭއިރު، ކުރީގެ ޕާސްޕޯޓުގެ މަޢުލޫމާތު ގަނޑާއި އޮބްޒަވޭޝަން ގަނޑު ޕޯޓަލްއަށްލާންޖެހެއެވެ. މީގެ އިތުރުން ޢުމްރާއަށް ދާ ފަރާތްތަކުން ޢުމްރާއަށް ދިއުމަށް ހަމަޖެހިފައިވާކަން އަންގައިދޭ ލިއުމެއް ޕޯޓަލްއަށް ލާން ޖެހެއެވެ.
އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހައްދަވާ ފަރާތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިމިގްރޭޝަންއިން ބުނެއެވެ.




