


.jpg?w=3840&q=75)





IMG_9067-1
ގއ. ކޮލަމާފުށި ބަނދަރު މަޝްރޫއު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިނަމަވެސް އެކަމަށް ހައްލު ލިބޭނެ މަގެއް ލިބިފައި ނުވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.
ކޮލަމާފުށި ކައުންސިލުން ބުނީ، ކޮލަމާފުށި ބަނދަރު މަޝްރޫއުގައި "ބަނދަރުގެ ބޭރު ތޮށި އަރައި ފައިބައި ބޭނުންކުރެވޭ ގޮތަށް މަގެއް ހެދުން" ހިމެނިފައި ނުވާތީ، އެކަން ހިމަނައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެންވެސް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.
ކޮލަމާފުށި ކައުންސިލްގެ ނައިބުރައީސް ޝަހާމަތު ހަނީފް "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ޕްލޭނިންގ މިނިސްޓްރީއަށާއި މަސައްކަތްކުރާ ކުންފުންޏަށް ސިޓީ ފޮނުވާފައިވާކަމަށެވެ. ޝަހާމަތު ވިދާޅުވީ ނިމިދިޔަ ބުރާސްފަތި ދުވަހު އެގޮތަށް އެންގި ފަހުން މަސައްކަތް ކުރިއަށް ގެންދާތަނެއް ފެނިފައި ނުވާ ކަމަށެވެ.
ޝަހާމަތު އިތުރަށް ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައްޔިތުންގެ ފަރާތުން މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ޕެޓިޝަނެއްވެސް ތައްޔާރުކުރެވެމުން އަންނަކަމަށާއި އެ ޕެޓިޝަނަށްވެސް ފުދޭ ވަރަކަށް ތަރުހީބު ލިބެމުން އަަންނަ ކަމަށެވެ.
"ރައްޔިތުން އިސްނަގައިގެން ޕެޓިޝަނެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން. ރައީސް އޮފީހަށާއި މަޖިލީހަށް ހުށަހެޅުމަށް. ޕެޓިޝަނަށް ފުދޭ ވަރަކަށް ތަރުހީބު އެބަލިބޭ" ޝަހާމަތު
ޕެޓިޝަނުގައި މިހާތަނަށް 600 ހާ މީހުން ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ކޮމެޓީގެ ގިނަ މެމްބަރުންވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާ ގޮތާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކޮލަމާފުށި ކައުންސިލުން މީގެ ކުރިން ވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.
ކޮލަމާފުށި ބަނދަރު މަސައްކަތް ކުރަމުން އަންނަނީ ހެވީ ފޯސް ކުންފުނިންނެވެ. އެ ކުންފުންޏާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގައެވެ.



.jpg?w=3840&q=75)
