



.jpg?w=3840&q=75)
.jpeg?w=3840&q=75)



ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަކަށް ވީހިނދު، އެ އަމާނާތަށް ފަރުވާތެރިވެ ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައި ވަނީ "ޞިއްޙަތަށް ފަރުވާތެރިވުން" މި މަޢުޟޫޢުގެ މައްޗަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އެއްވެސް އިޚުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި ހިނގަމުންދާ އިރު، އެ ކަމުގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. އެހެންކަމުން މާތް ﷲ ދެއްވި މި ނިޢުމަތަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ދެމިތިބުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
މީގެއިތުރުން، އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއްކަން ފާހަގަކުރައްވައި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިނުލުމަށާއި، ގަސްދުގައި ހަށިގަނޑަށް ގެއްލުންދީ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި، އުމުރުން ދުވަސްވެ ބާރުދެރަވާނޭ ދުވަހެއް އަންނާނެކަން ހަނދާންކޮށް، ޞިއްޙަތު ރައްކާތެރިކުރުމަށް އިސްކަންދިނުމަށް ނަޞޭޙަތްތެރިވިއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ބަލިތަކުން ދުރުވެހުރުން ނޫން ކަމަށެވެ. ނަމަވެސް އެއީ މާތް ﷲ އަށް ކުއްތަންވުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޙަލާލު ރިޒުޤު ހޯދުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވެ ހެޔޮ ޢަމަލުތައް ކުރުމަށް ލިބިފައިވާ ފުރުޞަތެއް ކަމުގައެވެ. އެހެންކަމުން، ހަށިގަނޑަށް ބާރު ލިބިގަތުމަށްޓަކައި ޙަލާލު ރަނގަޅު ކާބޯތަކެތި ބޭނުންކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.
ކީރިތި ރަސޫލާގެ ޙަދީޘްފުޅަކާ ޙަވާލާދެއްވައި ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ "ޞިއްޙަތާއި ހުސްވަގުތު" ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން މި ނިޢުމަތްތަކާ މެދު ސުވާލުވެވޭނެކަން ދަނެ، ލިބިފައިވާ ފުރިހަމަ ޞިއްޙަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރާއްޖޭގެ އެންމެހައި މުސްލިމުންނަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.




.jpg?w=3840&q=75)



