
އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު( އޭއޭއޭއެޗް) އެވޯޑް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާ އަށް ލިބިއްޖެ އެވެ.
އިންޑޮޞޭޝިއާގެ ބާލީގައި ކުރިއަށްދިޔަ އޭއޭއޭއެޗްގެ 14 ވަނަ ކޮންފަރެންސްގައި މި އެވޯޑު ރާއްޖެއަށް އަރުވާފައިވަނީ ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އޮފީހާއި ގުޅިގެން، ސިއްހީ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ރާއްޖެއިން މި ކާމިޔާބީ ހާސިލުކޮށްފައިވަނީ 'ޕްރައިމަރީ ހެލްތު ކެއާ ޓީމު' ކެޓަގަރީންނެވެ.
މިކަމާއި ގުޅިގެން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާ އިން ބުނީ މި ޝަރަފަކީ މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް ހަރުދަނާކޮށް، ޔުނިވާސަލް ހެލްތު ކަވަރޭޖް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
މި އެވޯޑާއި ބެހޭގޮތުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ މިއީ ފާފު އަތޮޅުގައި ހެލްތް މިނިސްޓްރީއާއި ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށްގެންދާ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޕައިލެޓް ޕްރޮގްރާމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން. އެއް މަރުހަލާ އަކީ ޕްރައިމަރީ ހެލްތް ކެއާ ރިވައިޓަލައިޒޭޝަންގެ ދަށުން ހިންގުމަށްބޭނުންވާ ޕްރޮގްރާމަށް ބޭނުންވާ ޓްރޭނިން ދިނުން. އެ ޓްރޭނިން މިހާރުވަނީ ހުރިހާ ރަށެއްގައި ފުރިހަމަ ކުރެވިފައި. ދެވަނަ މަރުހަލާއަކީ އެ ޕްރޮގްރާމު އިމްޕްލިމެންޓް ކުރުން. ފާފު އަތޮޅުގައި މިއަންނަނީ އެގޮތަށް އިމްޕްލިމެންޓް ކުރަމުން. ދެން ކުރިޔަށް ގެންދާނީ މުޅި ރާއްޖެއަށް މި މަސައްކަތް ބަހާލުމުގެ މަސައްކަތް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި އެކި ގައުމުތަކުން ހުށަހެޅި 174 ނޮމިބޭޝަނާ ވާދަކޮށް، އެވޯޑް ޖުމްލަ 4 ފަރާތަކަށް ލިބިފައިވާއިރު، ރާއްޖެ ހިމެނޭ ކެޓަގަރީން ދެ ފަރާތަކަށް އެވޯޑް ލިބިފައިވެ އެވެ. އަދި އަނެއް ދެ ކެޓަގަރީން ދެ ފަރާތަކަށް އެވޯޑު ދީފައިވާއިރު، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ބައްރުތަކުގެ ގައުމުތަކުން ވެސް ވާދަކޮށްފައިވެ އެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)




.jpg?w=3840&q=75)



