.jpg?w=3840&q=75)




.jpg?w=3840&q=75)
.jpeg?w=3840&q=75)


“ހުރާ ނޭޗާ ޕާކް” ތަރައްގީކުރުމަށް ވާންޖެހޭ ތައްޔާރީތައް މޫސުމާއި ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ފަށައިފި އެވެ.ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ގިނަ ރަަށްރަށުން ޕްރޮޕޯސަލް ހުށަހެޅިއިރު، ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި ނޭޗާރ ޕާކު ތަރައްޤީކުރުމަށް ވަނީ ނިންމާފަ އެވެ. ކ. ހުރާ އަކީ އެ 10 ރަށުގެ ތެރޭގައި ހިމެނޭ އެއް ރަށެއެވެ. މި މަޝްރޫއުގެ ދަށުން ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލައި ފާސްކުރުމަށްޓަކައި، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އީއާރުއޭ ގެ ޓީމެއް ކ. ހުރާއަށް ޒިޔާރަތްކޮށްފައި ވެއެވެ. މި ޒިޔާރަތުގެ ތެރެއިން، ހުރާގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ބޯޑުތައް ރަށު ކައުންސިލާ ހަވާލުކޮށްފައިވާއިރު، އެ ޓީމުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް، އެތަނުގެ މިހާރުގެ ހާލަތު ބަލައި އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ވުޒާރާއިން ބުނީ މި ދަތުރަކީ ހުރާ ކައުންސިލާއި، މި މަސައްކަތުގައި ހިއްސާވާ މުހިންމު ފަރާތްތަކާ ގުޅިގެން، އެ ރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު ދަތުރެއްކަމަށެވެ. އަދި އެ ސަރަޙައްދާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އެއް މަގުސަދުކަމަށް ވުޒާރާއިން ފާހަގަކުރި އެވެ.
މި މަޝްރޫއާއި ގުޅިގެން ވުޒާރާއިން ބުނީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.
މި ނޫންވެސް އެހެން ރަށްރަށުގައި ނޭޗާ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ވުޒާރާއިން ކުރަމުންދެ އެވެ.
.jpg?w=3840&q=75)



