








TgHmn9K0yZwuYwpOyQlw
ކ. މާފުށީ ޖަލުގައި 50 ގޮޅީގެ ޔުނިޓެއް އެޅުމަށް ނިންމާ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން އިއުލާން ކޮށްފިއެވެ.
އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 12:00 ގެ ކުރިން އީ މެއިލްގެ ޒަރިއްޔާއިން އެމިނިސްޓްރީއަށް ބީލަމަށް ހުށައެޅުމަށެވެ.
ޖަލުތަކުގައި ތިބި ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވަކީލުންގެ ހައްގާއި، ބޭސް ފަރުވާގެ ހިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަން ފާހަގަކޮށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިޕޯޓެއް ނެރެފައިވާއިރު، އެރިޕޯޓްގައި ޖަލުތަކުގައި ތިބޭ ގައިދީންނަކީވެސް ހައްގުތައް ކަށަވަރުވެގެންވާ ބައެއް ކަމަށާއި އެމީހުންގެ ހައްގުތައް ނުގެއްލޭގޮތަށް ޖަލުތަކުގެ ހާލަތު ބަދަަލުކުރަންޖެހޭ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
ކަރެކްޝަނަލްގެ ބެލުމުގެ ދަށުގައި 2000 ހާހެއްހާ ގައިދީން ތިބިއިރު، ޖަލުގެ ޖާގައިގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރވެސް ވަނީ ވިދާޅުވެފަ އެވެ.




