








TNT
މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ކްލަބް ޓީއެންޓީ އާއި ގދ ވާދޫ ކައުންސިލާއި ގުޅިގެން ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 ޖުލައި 2022 ގައެވެ.
ކްލަބް ޓީއެންޓީގެ ފަރާތުން ނާފީ އިބްރާހިމް "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަޓީމްތަކަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާފީ އިތުރަށްވިދާޅުވީ މި މުބާރާތަކީ ފޯރިގަދަ މުބާރާތަކަށް ހެދުމުގެ ގޮތުން ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކަމަށާއި އަދި ބައިވެރިވުމަށް ޝައުވެރިވާ ޓީމްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ.
ގދ. ވާދޫގައި ބޭއްވޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބައިވެރިވާ ޓީމްތަކުން 5،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން www.tntfutsalchallenge.com މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ އެވެ. އަދި މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7733555 ނުވަތަ 9769999 ނަންބަރަށް ގުޅުއްވުމަށް ކްލަބް ޓީއެންޓީން ވަނީ އެދިލައްވާފައެވެ.
މި މުބާރާތް ބޭއްވޭ ގދ. ވާދޫއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ގދ. އަތޮޅު އަދި ޒޯން 6ގެ ޗެމްޕިއަން ރަށް ކަން ފާހަގަކޮށްލެވެ އެވެ.




